ޚަބަރު

ވައިކަރަދޫ ކައުންސިލުން ރައްޔިތުންނާ ބައްދަލުކޮށްފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ ޤާނޫނުގެ 110 ވަނަ މާއްދާއިން ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހު ބޭއްވުމަށް ކައުންސިލްތަކަށް ބޭއްވުމަށް ލާޒިމުކުރާ ރައްޔިތުންގެ ބައްދަލުވުން ވައިކަރަދޫ ކައުންސިލުން ބާއްވައިފިއެވެ. އެގޮތުން ފެބްރުވަރީ 28 ވަނަ ދުވަހުގެ ރޭ ވައިކަރަދޫ ސުލައިމާނިއްޔާ ސްކޫލް ހިންގި ޢިމާރާތުގައި ބޭއްވުނު މިބައްދަލުވުމުގައި 2018ވަނަ އަހަރު ވައިކަރަދޫ ކައުންސިލުން ހިންގި ޙަރަކާތްތަކާއި ލިބިފައިވާ ކާމިޔާބީތަކުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރެވުނެވެ. އަދި މާލީ ޚުލާޞާގެ ގޮތުގައި 2018 ވަނަ އަހަރު ކައުންސިލަށް ލިބުނު އާމްދަނީއާއި ކުރި ޚަރަދުގެ ޚުލާޞާގެ އިތުރުން ދައުލަތުން ވޭތިވެ ދިޔަ 6 އަހަރު ދެއްވި މާލީ އެހީގެ މިންވަރު ބައްދަލުވުމުގައި ހާމަކުރެވުނެވެ.

މީގެ އިތުރުން 2019 ވަނަ އަހަރަށް ރޭވިފައިވާ މުހިއްމު ޙަރަކާތްތަކުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރެވުނެވެ. އަދި ވައިކަރަދޫގެ އިޖްތިމާޢީ، އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީއާ ގުޅޭ ކަންކަމާ މަޝްވަރާކުރުމަށާއި ރައްޔިތުންގެ މަޖިލީހުން 2019 ވަނަ އަހަރަށް ފާސްކުރެއްވި ދައުލަތުގެ ބަޖެޓުގައި ހިމެނިފައިވާ ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ތެރެއިން ވައިކަރަދޫގައި ހިންގުމަށް ހިމަނާފައިވާ މަޝްރޫޢުތައް އަވަސްކުރުމަށް ކުރެވެން ހުރި ކަންކަމާ މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާއާއި ދައުލަތުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންނާ ބައްދަލުކުރުމަށް ވައިކަރަދޫ ކައުންސިލުން ކުރި މާލެ ދަތުރާ ބެހޭ މަޢުލޫމާތުވެސް މި ބައްދަލުވުމުގައި ދެވިފައިވެއެވެ.

ކައުންސިލުގެ މެމްބަރުންނާއި ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ މަޢުލޫމާތު ދެއްވި މި ބައްދަލުވުން ނިންމައިލުމުގެ ކުރީގައި ރައްޔިތުން ކައުންސިލާ ކުރުމަތިކުރި ސުވާލުތަކަށް ޖަވާބުދެވިފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *