ޚަބަރު

ހދ. ވައިކަރަދޫގައި ތިމާވެށީގެ ދުވަސް 2024 ކުލަގަދަކޮށް ފާހަގަ ކުރަނީ

 

ދިވެހިރާއްޖެ އަކީ ނާޒުކު ތިމާވެއްޓެއް އޮންނަ ޖަޒީރާ ޤައުމެކެވެ. ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލު ތަކުގެ ސަބަބުން ދުނިޔޭގެ ފިނި ހޫނު މިނަށް އަންނަ ބަދަލު ތަށް ރާއްޖެ އަށް ވެސް ވަނީ ކުރިމަތި ވެފައެވެ. ހޫނުމިން އާދަޔާ ޚިލާފަށް އިތުރު ވުމާއި ރާއްޖޭގެ އެކި ސަރަހައްދު ތަކަށް ވާރޭ ވެހޭ ދުވަސްވަރާއި މިންވަރު ތަފާތު ވަމުން ދާކަން ވަނީ ފާހަގަ ކުރެވި ފައެވެ.

ވުމާއެކު، މޫސުމީ ބަދަލުތަކާ ކުރިމަތި ލުމަށް ދުނިޔޭގެ އެކި ޤައުމު ތަކުން ކުރާ މަސައްކަތާއި އެއްގޮތަށް ރާއްޖޭގައި ވަސް މަސައްކަތް ތަކެއް ވަނީ ކުރަން ޖެހިފައެވެ. މި ގޮތުން ރަށު ފެންވަރުގައި ކުރެވެން ހުރި ކަންތައްތަކަށް ވިސްނުމަށް ފަހު، ހދ. ވައިކަރަދޫ ކައުންސިލާއި ވައިކަރަދޫ އަންހެނުންގެ ކޮމެޓީން ވަނީ ރަށުގައި  ބެމްބޫ (އޮނު ގަސް) އާލާ ކުރުމުގެ ޕްރޮގްރާމެއް 2023 އޮކްޓޫބަރު މަހު ފަށާ، ރާއްޖޭގައި ހިންގާ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ އެޓްމޮސްފިއަރ ފައުންޑޭޝަނުގެ އެހީތެރި ކަމާއެކު، 13 ވައްތަރުގެ 83 އޮނު ގަސް ކައުންސިލުން ހަދާފައިވާ  “ބެމްބޫ ޕާކް” ގައި ވަނީ އިންދާފައެވެ.

ރަށުގައި އޮނު އާލާ ކުރުމުގެ ވިސްނުން ގެންގުޅުމުގައި  ތިރީގައިވާ ސަބަބުތައް ހިމެނެއެވެ.

(ހ) ޖައްވުގައިވާ ވިހަ ކާބަންތައް އޮނު ގެ މޫ އަދި އޮނުގައި ދިގު މުއްދަތަކަށް  ރައްކާ ކޮށްދެއެވެ. . ރަގަޅަށް މެނޭޖްކޮށް ބަލަހައްޓާ އޮނު ފީންޏަކުން ބައެއް އެހެން ގަސްގަހަށް ވުރެ ގިނަ ކާބަން ރައްކާ ކޮށްދޭ ކަމަށް ތަހުލީލު ކުރެވިފައިވެއެވެ.

(ށ) އޮނަކީ އޮކްސިޖަން އުފައްދައިދޭ އަދި ވަށައިގެންވާ ޖައްވުގެ ހޫނުމިން ކުޑަކޮށްދޭ ވަޞީލަތެކެވެ. ބައެއް ޤައުމުތަކުގައި މި ސަބަބަށްޓަކައި ޕާކްތަކުގައި އޮނު އިންދާފައި ހުރެއެވެ.

(ނ) އޮނަކީ ޖައްވުގައި ހުންނަ ވިހަ މާއްދާތައް ނައްތާލަދީ ޖައްވު ސާފުކޮށް، ފިނިކަން ގެނެސްދޭ ގަހެކެވެ. އޮނު ގަސް ހުންނަ ތަން ތަނުގައި، އޮނު ގަސްނެތް ތަންތަނަށް ވުރެ ހޫނު މިން ތިރި ކޮށްދޭ ކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ.

(ރ) ދުނިޔޭގެ މޫސުމަށް އަންނަ ބަދަލު ތަކުގެ ސަބަބުން ޖައްވު ހޫނު ވަމުން ދާއިރު، ހޫނު މިން ކުޑަ ކުރުމަށާއި ކާބަން ނިޔުޓްރަލް ވުމަށް މަގުފަހި ކުރުމަށް އޮނަކީ މުހިއްމު ވަޞީލަތެއްވެސް މެއެވެ.

(ބ) އޮނުން ފަރުނީޗަރ ނޫނީ ހިފާގެންގުޅޭ ތަކެތި އުފެއްދުމަކީ ދުނިޔެއިން ޕްލާސްޓިކް މަދު ކުރުމަށް އޮތް މަގެއް ކަމަށް ބެލެވެއެވެ. އޮނުން އުފެއްދިދާނެ ތަކެތީގެ ތެރޭގައި ގޮނޑި، މޭޒު، ދޮރާއި ދޮރުފަތް، ކެބިނެޓް، ޝެލްފް، އަދި  ބަދިގޭ ސާމާނު، ދަތް އުގުޅާ ބުރުސް، ޕެންހޯލްޑްރ، ވާސް ފަދަ ތަކެތި ހިމެނެއެވެ.

(ޅ) އޮނަކީ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި އިމާރާތް ކުރުމަށް (ފެންސް ޖެހުން، ފުރާޅު އެޅުން، އިމަރާތެއް ކުރަމުންދާ އިރު ބަހައްޓާ ސްކެފޯލްޑިންގ، ތަޅުން އެޅުން ފަދަ ކަންކަމަށް) ބޭނުން ކުރާ ވަޞީލަތެކެވެ.

(ކ) ބައެއް ބާވަތުގެ އޮނަކީ ހަށިގަނޑަށް ފައިދާ ހުރި، ކާނާގެ ގޮތުގައި ބޭނުން ކުރާ އެއްޗެކެވެ.

(އ) އޮނަކީ ވަރުގަދަ އެއްޗަކަށްވާތީ، ގަދަ ވައިން ސަލާމްތް ވުމަށް ވެސް އޮނުގެ ބޭނުން ކުރެއެވެ.

(ވ) އޮނުން އަންނައުނަށް ބޭނުން ވާ ފޮތި ވެސް އުފައްދައެވެ. މީގެ އިތުރުން ޗާރކޯލް، ކަރުދާސް، ޓޮއިލެޓް ޕޭޕަރ އަދި އެހެނިހެން ތަކެތިވެސް ބެމްބޫ ބޭނުން ކޮށްގެން އުފައްދާއެވެ.

(މ) އޮނު ގަހުން ވެއްޓޭ ފަތްތަކަކީ ފަސްގަނޑު ރަގަޅު ކުރުމަށް އަދި ކާދު އުފެއްދުމަށް ބޭނުން ކުރެވިދާނެ ވަޞީލަތެކެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަސް (5 ޖޫން) ހދ. ވައިކަރަދޫގައި ފާހަގަ ކުރުމަށްޓަކައި ވައިކަރަދޫ ކައުންސިލުން ނިންމާފައި ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އޮނުގެ ދައުރާއި މެދު ރައްޔިތުން ތެރޭ ހޭލުންތެރިކަން އުފެއްދުމެވެ. އެއާއެކު، އޮނަކީ ވަރަށް ގިނަ ގޮތް ގޮތަށް ދުނިޔޭގެ އެހެން ޤައުމު ތަކުގައި އާއްމު ދިރިއުޅުމުގައި ވެސް ބޭނުން ކުރާ އެއްޗަކަށް ވާތީ، އެކަމުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށް ދިނުމަކީ ވެސް މި ދުވަހުގެ ހަރަކާތް ތަކުގައި ހިމެނޭ ކަމެކެވެ.

ތިމާވެށީގެ ދުވަސް ފާހަގަ ކުރުން އިންތިޒާމް ކުރަނީ ވައިކަރަދޫ ކައުންސިލާއި ވައިކަރަދޫ އަންހެނުންގެ ކޮމެޓީންނެވެ. ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު ހަރަކާތެއްގެ ގޮތުން ބާއްވާ “ބެމްބޫ އީވްނިންގ (އޮނުގެ ހަވީރު)”،   އޮންނާނީ 8 ޖޫން (ހޮނިހިރު) ދުވަހު، ވައިކަރަދޫ ބެމްބޫ ޕާކްގައެވެ. މި ދުވަސް ފާހަގަ ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާ ލަފާ، އަދި މުބާރާތް ތަކުގެ ވަނަ ތަކަށް އިނާމު ހުށަހަޅުއްވަނީ އެޓްމޮސްފިއަރ ފައުންޑޭޝަނުންނެވެ.

 

 

 

Leave a Reply

Your email address will not be published. Required fields are marked *