މަގުބޫލްޚަބަރު

އުދަ އެރުމުގެ ސަބަބުން ހަޑިވި އަތިރިމަތި ވައިކަރަދޫ ރައްޔިތުން ނިކުމެ ސާފުކޮށްފި

މިދިޔަ ހަފްތާގައި ރާއްޖެއާއި މިސަރަޙައްދަށް ކުރި ވިއްސާރައިގައި މޫސުން ގޯސްވެ އުދައެރުމުގެ ސަބަބުން ވައިކަރަދޫގެ އުތުރު ފަރާތުގެ އަތިރިމައްޗާއި ދޯނިއެހެލާ ސަރަޙައްދަށް ޖަމާވި ކުންޏާއި ގައު ނެގުމުގެ މަސައްކަތް ރަށު ރައްޔިތުން ނިކުމެ ކޮށްފިއެވެ. ވައިކަރަދޫ ކައުންސިލުން އިންތިޒާމުކޮށްގެން ވައިކަރަދޫގެ މުއައްސަސާތަކުގެ މަުވައްޒަފުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ޢާންމު ރައްޔިތުން ގުޅިގެން “ނަލަނަލަ ވައިކަރަދޫ”  ޝިޢާރުގެ ދަށުން ކުރި މި މަސައްކަތުގައި ދުއިސައްތައާ ގާތްކުރާ ޢަދަދަކަށް މީހުން ބައިވެރިވެފައިވެއެވެ.

ހެނދުނު 8:00 ގައި ފެށި މި މަސައްކަތުގައި ދޯނިއެހެލާ ސަރަހައްދުގައި އުދައިގެ ސަބަބުން ޖަމާވެފައި ހުރި ކުނިތައް ނަގައި ސާފުކުރުމުގެ އިތުރުން، ރަށުގެ ބަނދަރު ސަރަޙައްދާއި އުތުރު ފަރާތު އަތިރިމަތިން އެންމެ ބޮޑަށް އުދަ އެރި ސަރަޙައްދުތަކުގައި ޖަމާވެފައި ހުރި ކުނިތަކާއި ގައުތައް ނަގާ ސާފުކުރެވިފައިވެއެވެ. އަދި އުދައިގެ ސަބަބުން ބަނދަރު އެއްގަމު ތޮށި ކައިރިން ބިންގަނޑު ކަނޑައިގެން ގޮސް ވަޅުގަނޑު ހެދިފައިވާ ސަރަޙައްދުތަކަށް ވެލިއަޅާ އެއްވަރު ކުރެވިފައިވެއެވެ.

މިއަދުގެ މަސައްކަތަކީ ކައުންސިލުން އެއްވެސް ހޭދައެއް ނުކޮށް ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީއާއެކު ކުރެވުނު މަސައްކަތެއްކަން ފާހަގަކުރެވެއެވެ. އެގޮތުން މަސައްކަތަށް ބޭނުންވާ އަންގި ހަދިޔާ ކޮށްފައިވަނީ އާސްކް ހޯލްޑިންގ ގެ ފަރާތުންނެވެ. މީގެ އިތުރުން މަސައްކަތަށް ބޭނުންކުރި ޕިކަޕް ފަދަ ތަކެތީގެ ޚިދްމަތް ވެސް ހިލޭ ފޯރުކޮށްދީފައިވާއިރު މަސައްކަތްކުރި ފަރާތްތަކަށް ދިން ފެނާއި ފިނިހިއްޕެވުން ހަދިޔާކުރަައްވާފައިވަނީ ވައިކަރަދޫގެ ބައެއް ޢާންމު ރައްޔިތުންނާއި ދާއިރާގެ މަޖިލިސް މެންބަރު ޙުސައިން ޒިޔާދެވެ.

މި މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވި ހުރިހާ ފަރާތްތަކަށާއި އެހީތެރިވި ހުރިހާ ފަރާތްތަކަށް ވައިކަރަދޫ ކައުންސިލުން ޝުކުރު އަދާކުރައްވައެވެ. މިއީ ވައިކަރަދޫ ކައުންސިލުގެ 4 ވަނަ ދައުރުގެ ފުރަތަމަ ޙަރަކާތެވެ.

 

Leave a Reply

Your email address will not be published. Required fields are marked *