މަގުބޫލްޚަބަރު

ވައިކަރަދޫ ކައުންސިލްގެ 2015 އަހަރުގެ އަހަރީ ރިޕޯޓް ރައްޔިތުންނާއި ހިއްޞާކުރުމުގެ ޖަލްސާ ބާއްވައިފި

IMG_7980

 

ވައިކަރަދޫ ކައުންސިލްގެ 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ރައްޔިތުންނާ ހިއްޞާކޮށްފިއެވެ.

ވައިކަރަދޫ ކައުންސިލްގެ 2015 އަހަރުގެ އަހަރީ ރިޕޯޓް ރައްޔިތުންނާ ހިއްޞާކުރެއްވުމަށް 2016 ފެބްރުވަރީ 23ވަނަ ދުވަހުގެރޭ 8:45ގައި ވައިކަރަދޫ ޔޫތު ސެންޓަރުގައި ކުރިއަށް ގެންދެވުނު ޖަލްސާ ތަޢާރަފްކޮށް ފަށްޓަވައިދެއްވީ ވައިކަރަދޫ ކައުންސިލް އިދާރާގެ ޑިރެކްޓަރ މުޙައްމަދު ރަބީޢުއެވެ.

މިޖަލްސާގައި ވައިކަރަދޫ ކައުންސިލްގެ ތަޞައްވުރާއި، 2015 ވަނަ އަހަރު ކައުންސިލުން ކުރެވުނު މަސައްކަތްތަކާއި  ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކާއި ކައުންސިލަށް ލިބުނު އާމުދަނީއާއި، ކައުންސިލުން ކުރި ޚަރަދުތަކުގެ ޚުލާޞާއާއި އަދި ކައުންސިލުން ކަންކަން ކުރުމުގައި ދިމާވި ގޮންޖެހުންތަކުގެ މައްޗަށް ޚުލާސާ ގޮތެއްގައި އަލިއަޅުއްވާލާފައިވެއެވެ.

ވައިކަރަދޫ ކައުންސިލުން 2015 ވަނަ އަހަރު ހިންގި ޙަރަކާތްތަކާއި ލިބުނު ކާމިޔާބީތަކާބެހޭ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކޮށްދެއްވީ ވައިކަރަދޫ ކައުންސިލުގެ ނާއިބު ރައީސް މުޙައްމަދު ޢިނާޛެވެ. މިޖަލްސާގައި ކައުންސިލަށް 2015 ވަނަ އަހަރު ލިބުނު އާމްދަނީއާއި ކުރެވުނު ޚަރަދުތަކުގެ ޚުލާޞާ ހުށަހަޅުއްވައިދެއްވީ ކައުންސިލުގެ ރައީސް އިބްރާހީމް މުޙައްމަދެވެ.

ކައުންސިލުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް 2015ވަނަ އަހަރު ކުރެވުނު މަސައްކަތްތަކާއި، ކައުންސިލުން އިންތިޒާމުކުރި ގިނަ ޙަރަކާތްތައް ހިންގުމުގައި ދިމާވި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައި ކައުންސިލުގެ މެމްބަރ އަޙްމަދު ނަސީމު ދެއްކެވި ވާހަކައަށް ފަހު، 2016 ވަނަ އަހަރަށް ކައުންސިލުން ހިންގުމަށް ރޭވިފައިވާ ޙަރަކާތްތައް ރައްޔިތުންނަށް ހުށަހެޅުއްވީ ކައުންސިލުގެ މެމްބަރ އިބްރާހީމް ވަސީމެވެ.

ކޮންމެ އަހަރެއްގެ ފެބްރުވަރީމަހުގެ ތެރޭގައި ވޭތިވެދިޔަ އަހަރުގެ އަހަރީ ރިޕޯޓް ރައްޔިތުންނާ ހިއްޞާކުރުމަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ ޤާނޫނުން ހުރިހާ ކައުންސިލްތަކުގެ މައްޗަށް ލާޒިމްކުރާކަމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *