ޚަބަރު

ކޮމިޔުނިޓީ ވޮލަންޓިއަރ ފަޔަރފައިޓިންގ ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ޖަލްސާ ބާއްވައިފި

ވައިކަރަދޫ ކައުންސިލާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެން ފެބްރުވަރީ 3 އިން 7 އަށް ވައިކަރަދޫގައި ހިންގި ކޮމިޔުނިޓީ ވޮލަންޓިއަރ ފަޔަރފައިޓިންގ ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ. ރޭ އެކަމަށްޓަކައި ވައިކަރަދޫ ސުލައިމާނިއްޔާ ސްކޫލް ހިންގި ޢިމާރާތުގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި، ބައިވެރިންނަށް ސެޓްފިކެޓްތައް ބައްސަވައިދެއްވީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ނޯދަން އޭރިޔާގެ ކޮމާންޑަރ ކާނަލް އިސްމާޢީލް ޝަރީފެވެ. މީގެ އިތުރުން މި ޕްރޮގްރާމް ހިންގަވައިދެއްވި ކަމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށާއި ޕްރޮގްރާމުގެ އިންސްޓްރަކްޓަރުންނަށް އަގުވަޒަންކުރުމުގެ ލިޔުން ޙަވާލުކުރެވުނެވެ. އަގުވަޒަންކުރުމުގެ ލިޔުންތައް ޙަވާލުކޮށްދެއްވީ ވައިކަރަދޫ ކައުންސިލުގެ ރައީސް އަލްފާޟިލް އަޙްމަދު ނަސީމެވެ.

ހަ ދުވަހުގެ މުއްދަތަށް ވައިކަރަދޫގައި މިހިންގުނު ތަމްރީން ޕްރޮގްރާމުގައި 24 މީހުން ބައިވެރިވެ ތަމްރީން ފުރިހަމަކޮށްފައިވެއެވެ. މި ޕްރޮގްރާމުގައި ކިޔަވައިދެއްވީ އެމް.އެން.ޑީ.އެފްގެ 2 އިންސްޓްރަކްޓަރުން ކަމަށްވާ ސާޖަންޓް މާހިރު މޫސާއާއި ކޯޕްރަލް މުޙައްމަދު ޖައުފަރެވެ.

ރޭގެ ޖަލްސާގައި އެމްއެންޑީއެފްގެ ނޯދަން އޭރިޔާގެ ބައެއް އިސްވެރިންނާއި ވައިކަރަދޫގެ މުއައްސަސާތަކުގެ ވެރީންނާއި ކައުންސިލް އިދާރާގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *